
ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީއިން ޖަލްސާއެއް ބާއްވައިފި
02 ޖުލައި, 2018
2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މިއަދު ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 26 ވަނަ ދުވަހެވެ.
މި ޖަލްސާގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމަށް މިއަހަރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު އަދި އެންޓީ ޑްރަގް ލަވަ ވަނީ ލޯންޗްކޮށްފައެވެ. މި އަހަރުގެ ޝިއާރާއި ލަވަ ނެރެދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. މި އަހަރުގެ ޝިޢާރަކީ “މަސްތުން ސާފު މުޖުތަމައަކަށް-އެންމެންގެ ބައިވެރިވުން” މިއެވެ. އަދި މީގެ އިތުރުން މި ޖަލްސާގައި 2017 ވަނަ އަހަރުގެ ފަރުވާގެ ތަފާސް ހިސާބުފޮތް ނެރުމާއި ނޭޝަނަލް ޑްރަގް އޭޖެންސީއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކޭޓް އަދި ހަނދާނީ ފިލާ ދީފައިވެއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޖިހާދުގެ އިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއާރމަން ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ސީ.އީ.އޯ އަލްފާޟިލް ޙަސަން ޝަހީލް އާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މެންބަރުންނާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ އެކި ފެންވަރުގެ ބޭފުޅުންނާއި ސަރުކާރާއި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.