SWITCH TO ENGLISH

ސްކޫލް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމް ފެށިއްޖެ

05 މާރިޗު, 2018

ސްކޫލް ކުދީން މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދީ، ރަނގަޅު އާދަ އެކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި މި އޭޖެންސީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ”އުޖާލާ ކުރިމަގު” ގެ ނަމުގައި 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ”ސްކޫލް ބޭސްޑް ޕްރިވެންޝަން” ޓްރެއިނިންގ ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް، 05 މާރޗް 2018 ވަނަ ދުވަހު ފެށިއްޖެއެވެ. ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި، ސްކޫލް ކައުންސެލަރުން އަދި ހެލްތް އެސިސްޓެންޓުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގައި މިހާތަނަށް 03 ޕްރޮގްރާމެއް ބޭއްވިފައިވެއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ޙަފްލާ އޮތީ 5 މާރޗް 2018 ވީ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައެވެ. ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު މެމްބަރު، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލް ޢަލީ ޒަކީ ޝަރަފްވެރިކޮށް ދެއްވި މި ޙަފްލާގައި މި އޭޖެންސީގެ ސީ.އީ.އޯ ޙަސަން ޝަހީލް، އެން.ޑީ.އޭ ބޯޑުގެ ޗެއަރޕާސަން ކާނަލް ޑރ. ޢަލީ ޝާޙިދު މުޙައްމަދު، އިންފޮރމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްއަޒީޒު ޖަމާލް ޢަބޫބަކުރުގެ އިތުރުން އެންޓި ޑްރަގް އެމްބެސެޑަރ މޫސާ ވަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސްކޫލް ބޭސްޑް ޕްރިވެންޝަން ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ޙަފްލާގައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން ޒުވާނުންނާއި ގުޅުން ހުރި މަސައްކަތްތަކެއް ކުރުމުގައި އުޅުއްވާތީ، މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހެމުންދާތީ އެކަމުގެ ހުރި ގެއްލުމާއި، ގޮންޖެހުންތައް އިޙްސާސް ކުރެއްވޭ ކަމަށާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޅަ އުމުރުގައި މި ވަބާއިން ކުދިން ސަލާމަތް ކުރުމަށް އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި ޙަފްލާގައި މި އޭޖެންސީގެ ސީ.އީ.އޯ ޙަސަން ޝަހީލް މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި، ޓްރެއިނިނގ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މާލޭގެ 17 ސްކޫލަކުން 23 ބައިވެރިންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދެ ބައިވެރިން ހިމެނޭ ގޮތުން ޖުމްލަ 25 ބައިވެރިންނާއެކު ކުރިއަށްދާ މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ދަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެހީތެރިކަމާއެކު، އެ އޮފީހުގެ ހުދުހުދު މާލަމް ގައެވެ. 5 މާރޗް 2018 އިން 8 މާރޗް 2018 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުން ހުރި ތަފާތު ދާއިރާތަކުގެ ބޭފުޅުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ސްކޫލް މާހައުލުގައި އަމަލުކުރާނެ ގޮތްތައް އަންގައިދީ، ބައިވެރިންނަށް ކަމާއި ގުޅުން ހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަނުން ވިލަރެސްކޮށް، ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ކޮލަމްބޯ ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ ޔުނިވަރސަލް ޕްރިވެންޝަން ކަރިކިއުލަމްގެ (ޔޫ.ސީ.ޕީ) ސްކޫލް ބޭސްޑް ޕްރިވެންޝަން މޮޑިއުލްތަކުގެ މައްޗަށް ބިނާކޮށެވެ.