SWITCH TO ENGLISH

ޑްރަގް ޓްރީޓްމަންޓް އެންޑް ޑީޓޮކްސިފިކޭޝަން ސެންޓަރ / ސ.ހިތަދޫ

ތަޢާރަފް

މިސެންޓަރުން ދެބާވަތެއްގެ ފަރުވާ ދެވެއެވެ. އެއީ ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިއުނިޓީފަރުވާއެވެ. ޑީޓޮކްސިފިކޭޝަން ފަރުވާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީ ގޮތުން ކަނޑުވާލައި، މަސްތުވާތަކެތީގެ ވަބާއިން އޭނާ ސަލާމަތް ކުރުމަށް ޞިއްޙީ ފަރުވާދޭ ބައެއްގެ ދަށުން މަރުކަޒުގައި ބައިތިއްބައިގެން ދެވޭފަރުވާއެކެވެ. ކޮމިއުނިޓީ ފަރުވާއަކީ ޑީޓޮކްސިފިކޭޝަން ސެންޓަރުގައި ދެވޭފަރުވާ ނުވަތަ ރެސިޑެންޝަލް ފަރުވާ ނުވަތަ ހާފްވޭހައުސްގައި ހިންގޭ ފަރުވާގެ ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް އާފްޓަރކެއަރގެ ޚިދުމަތްދިނުމަށާއި އިންޑިކޭޓިވްއެސެސްމަންޓަށްފަހު ކޮމިއުނިޓީ ފަރުވާއަށް ފޮނުވޭމީހުންނަށް ފަރުވާދީ މުޖުތަމަޢަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި ދެވޭ ފަރުވާއެކެވެ.

މައިގަނޑު މަސައްކަތް

(1) ކޮމިއުނިޓީ ސަރވިސް

ކޮމިއުނިޓީ ސަރވިސްއިން ކުރާމައިގަނޑު މަސައްކަތަކީ ޑީޓޮކްސިފިކޭޝަން ސެންޓަރުގައި ދެވޭފަރުވާ ނުވަތަ ރެސިޑެންޝަލް ފަރުވާ ނުވަތަ ހާފްވޭ ހައުސްގައި ހިންގޭ ޕްރޮގުރާމް ފުރިހަމަ ކުރުމަށްފަހު މުޖުތަމަޢަށް ދޫކުރެވޭ މީހުންނަށް އާފްޓަރކެއަރގެ ޚިދުމަތް ފޯރުވައިދިނުމެވެ.

(2) ޑީޓޮކްސިފިކޭޝަން ސަރވިސް

ޑީޓޮކްސިފިކޭޝަން ސެންޓަރުތަކުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނެއެވެ.

  • މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު ޑޮކްޓަރީ ބޭސް ބޭނުންކޮށްގެން މާއްދީގޮތުން ކަނޑުވާލުން،
  • މަސްތުވާތަކެތިން ދުރުވެ ހުރުމަށް ކުރެވިދާނެ ކަންކަމާއި ލިބެންހުރި އެންމެ އެކަށީގެންވާ ފަރުވާތަކާބެހޭ މަޢުލޫމާތުދީ ފަރުވާއަށް ޝައުޤުވެރިކުރުވުން.

ފަރުވާގައި ބައިވެރިވުމުގެ ޝަރުޠު

(1) ކޮމިއުނިޓީ ސަރވިސް

  • ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރެއް އެމީހެއްގެ މައްޗަށް ކޮށްފައިވާ މީހުން،
  • އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހުންގެ ތެރެއިން، ކޮމިއުނިޓީ ސަރވިސް ސެންޓަރެއްގެ ފަރުވާ ދިނުމަށް ފެންނަކަމަށް އިންޑިކޭޓިވް އެސެސްމަންޓަކަށްފަހު، އެއެސެސްމަންޓުގައި ކަނޑައަޅާފައިވާ މީހުން.

(2) ޑީޓޮކްސިފިކޭޝަން އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހުންގެ ތެރެއިން، ޑީޓޮކްސިފިކޭޝަން ސެންޓަރެއްގެ ފަރުވާ ދިނުމަށް ފެންނަކަމަށް އެސެސްމަންޓަކަށްފަހު އެއެސެސްމަންޓުގައި ކަނޑައަޅާފައިވާ މީހުން.

ފަރުވާގެ މުއްދަތު

(1) ކޮމިއުނިޓީ ސަރވިސް

  • ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ މުއްދަތު ބިނާވާންވާނީ އެސެންޓަރެއްގައި ކުރިއަށް ގެންދެވޭ ފަރުވާގެ ބާވަތުގެ މައްޗަށެވެ.
  • އާފްޓަރކެއަރގެ ކޮންމެ ޕުރޮގްރާމެއް ކުރިއަށް ގެންދިއަކަމުގައި ވިއަސް، އެ ޕުރޮގުރާމަކީ، މަދުވެގެން 3 (ތިނެއް) މަހުގެ ޕުރޮގުރާމަކަށް ވާންޖެހޭނެއެވެ.

(2) ޑީޓޮކްސިފިކޭޝަން

ޑީޓޮކްސިފިކޭޝަން ފަރުވާގެ މުއްދަތަކީ 3 (ތިނެއް) ހަފުތާއާއި 4 (ހަތަރެއް) ހަފުތާއާ ދެމެދެވެ.