SWITCH TO ENGLISH

ސްކޫލް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމްގެ ނިމުން ފާހަގަ ކޮށްފި!

15 މާރިޗު, 2018

ސްކޫލް ކުދީން މަސްތުވާތަކެތިން ސަލާމަތްކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދީ، ރަނގަޅު އާދަ އެކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި މި އޭޖެންސީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ”އުޖާލާ ކުރިމަގު” ގެ ނަމުގައި 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ”ސްކޫލް ބޭސްޑް ޕްރިވެންޝަން” ޓްރެއިނިންގ ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފިއެވެ. ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި، ސްކޫލް ކައުންސެލަރުން އަދި ހެލްތް އެސިސްޓެންޓުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ 4 ވަނަ ބުރުގެ ނިންމުމުގެ ޙަފްލާ ބޭއްވިފައިވަނީ 8 މާރޗް 2018 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހުދުހުދު މާލަމްގައެވެ. އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޝަރަފްވެރިކޮށް ދެއްވި މި ޙަފްލާގައި މި އޭޖެންސީގެ ސީ.އީ.އޯ ޙަސަން ޝަހީލް އާއި ޕްރިވެންޝަން އެންޑް ޓްރީޓްމަންޓް މެނޭޖްމަންޓް ޑިވިޝަންގެ ހެޑް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަލީ ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްކޫލް ބޭސްޑް ޕްރިވެންޝަން ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ޙަފްލާގައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމަކުން ލިބޭ މަޢުލޫމާތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން މަސްތުން ސާފު މުޖުތަމައަކަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިންގެ އެހީތެރިކަން މުހިންމުކަމުގައި ވިދާޅުވިއެވެ. މި ޙަފްލާގައި މި އޭޖެންސީގެ ސީ.އީ.އޯ ޙަސަން ޝަހީލް މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި، ޓްރެއިނިންގ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ފަރުވާއާއި ގުޅޭގޮތުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޝަރީފް ވެސް ވާހަކަ ދެއްކެވިއެވެ.

މާލޭގެ 17 ސްކޫލަކުން 23 ބައިވެރިންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދެ ބައިވެރިން ހިމެނޭ ގޮތުން ޖުމްލަ 25 ބައިވެރިންނާއެކު ޖުމްލަ 24 ގަޑިއިރުގެ މައްޗަށް ކުރިއަށްދިޔަ މި ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެހީތެރިކަމާއެކު، އެ އޮފީހުގެ ހުދުހުދު މާލަމް ގައެވެ. 5 މާރޗް 2018 އިން 8 މާރޗް 2018 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރި 25 ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ޙަފްލާގެ ޝަރަފްވެރި މެހެމާން އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. 

ކޮލަމްބޯ ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ ޔުނިވަރސަލް ޕްރިވެންޝަން ކަރިކިއުލަމްގެ (ޔޫ.ސީ.ޕީ) ސްކޫލް ބޭސްޑް ޕްރިވެންޝަން މޮޑިއުލްތަކުގެ މައްޗަށް ބިނާކޮށް، ގުޅުންހުރި ތަފާތު ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދެވުުނު މި ޓްރެއިނިންގ ޕްރޮގްރާމް ވިލަރެސްކޮށް، ކުރިއަށް ގެންގޮސްފައިވަނީ މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަނުންނެވެ.