SWITCH TO ENGLISH

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން ދެ އޮފީހަކަށް ބޭއްވިއްޖެ

15 މާރިޗު, 2018

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސިލްސިލާ ޕްރޮގްރާމްގެ ދަށުން ދެ އޮފީހަކަށް ސެޝަން ކުރިއަށް ގެންދެވިއްޖެއެވެ. މިގޮތުން ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ މުވައްޒަފުންނަށާއި، މޯލްޑިވްސް އިމިގްރޭޝަން ގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށެވެ. އެންސްޕާގެ މުވައްޒަފުންނަށް ސެޝަން ކުރިއަށް ގެންދެވިފައިވަނީ އެ އެޖެންސީގެ މީޓިންގ ރޫމްގައި 11 މާރޗް 2018 ވަނަ ދުވަހުގައެވެ އަދި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ސެޝަން ކުރިއަށް ގެންދެވިފައިވަނީ ހުރަވީ ބިލްޑިންގ ގެ ދެވަނަ ފަންގިފިލާގައި ހުންނަ އެކްސްޕެޓްރިއޭޓް ސަރވިސްދޭ ބައިގެ މީޓިންގ ރޫމްގައި 12 މާރޗް 2018 ވަނަ ދުވަހުގައެވެ. ސެޝަންގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައި ދެވި، ކަމާއި ގުޅުން ހުރި މަޢުލޫމާތު ހިއްސާ ކުރެވިފައިވެއެވެ.

މި ސެޝަންތައް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ، މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިކޮށް، ޑްރަގް އެޑިޔުކޭޝަން އާއި އެންޑީއޭ ގެ މަސްއޫލިއްޔަތާއި ޒިންމާ އަންގައިދިނުމާއި، އޮފީސް މާހައުލަކީ މަސްތުން ސާފު މާހައުލަކަށް ހެދުމަށާއި، ލިބެން ހުރި ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ފަރުވާއަށް އާދެވޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސެޝަން އެކެެވެ.

މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ކަމާއި، ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި، މަސްތުން ސާފުވެ ތިބުމަށް ބޭނުންވާ މަޢުލޫމާތު އެ ސެޝަންގައި ހިއްސާ ކުރެވިފައިވެއެވެ. ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުވައްސަސާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތުގެ ވެއްޓަކީ މަސްތުން ސާފު ވެއްޓަކަށް ހެދުމަށް އެހީތެރިވެދީ، މަސްތުގެ އަޅުދާސްތުވެފައިވާ ފަރާތްތައް އޮފީސް މާހައުލުން ދެނެގަނެ އަދި ސެޝަންގައި ފޯރުކޮށްދެވުނު މަޢުލޫމާތު، އާއިލާއާއި ގާތް ރަޙްމަތްތެރިންނަށާއި އަދި ހެޔޮ އެދޭ ފަރާތްތަކަށް ފޯރުކޮށްދީ، މަސްތުން ސަލާމަތްވެ ތިބުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި އެފަދަ ފަރާތެއް ހުރި ނަމަ، ފަރުވާގެ ފުރުޞަތުގެ ބޭނުން ހިފުމަށް އިރުޝާދު ދެވިފައިވެއެވެ.

މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަނުން ވިލަރެސްކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެކަށީގެންވާ ރަނގަޅު ތަރުހީބެއް ލިބިފައިވެއެވެ.