SWITCH TO ENGLISH

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން ދެ މުއައްސަސާއެއްގެ މުވައްޒަފުންނަށް ބޭއްވިއްޖެ

27 ފެބުރުއަރީ, 2018

އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”ޑްރަގް އެޑިޔުކޭޝަން އެންޑް އިންފޮރމޭޝަން” ސެޝަން ސިލްސިލާ ޕްރޮގްރާމްގެ ދަށުން ދެ މުއައްސަސާއެއްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކުރިއަށް ގެންދެވިފައިވެއެވެ. 27 ފެބްރުވަރީ 2018 ވަނަ ދުވަހު ދެ ދަންފަޅި އަކަށް ބަހާލައިގެން ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ފެމެލީ ކޯޓްގެ މުވައްޒަފުންނަށެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދެވިފައިވަނީ އެ ކޮމިޝަން ގައެވެ. އަދި ފެމެލީ ކޯޓްގެ ސެޝަން ވެސް ކުރިއަށް ގެންދެވިފައިވަނީ އެ ކޯޓްގެ ކޮންފަރެންސް ހޯލްގައެވެ. ސެޝަންތަކުގައި ދެވުނު މަަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް އޮޅުންފިލުވައި ދެވި، ކަމާއި ގުޅުން ހުރި މަޢުލޫމާތު ހިއްސާ ކުރެވިފައިވެއެވެ.

މި އޭޖެންސީގެ ޕްރިވެންޝަން ސެކްޝަނުން ވިލަރެސްކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މި އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙަސަން ޝަހީލްގެ އިތުރުން ޕްރިވެންޝަން އެންޑް ޓްރީޓްމަންޓް މެނޭޖްމަންޓް ޑިވިޝަން ހެޑް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ސެޝަން ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ، މަސްތުވާތަކެއްޗާއި މެދު މަޢުލޫމާތު އިތުރުކޮށް، އެކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވާ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތެއް ބައިވެރިކޮށް، ޑްރަގް އެޑިޔުކޭޝަން އާއި އެންޑީއޭ ގެ މަސްއޫލިއްޔަތާއި ޒިންމާ އަންގައިދިނުމާއި، އޮފީސް މާހައުލަކީ މަސްތުން ސާފު މާހައުލަކަށް ހެދުމަށާއި، ލިބެން ހުރި ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަދި ފަރުވާއަށް އާދެވޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސެޝަން އެކެެވެ.

މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭ އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ކަމާއި، ފަރުވާގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި، މަސްތުން ސާފުވެ ތިބުމަށް ބޭނުންވާ މަޢުލޫމާތު އެ ސެޝަންގައި ހިއްސާ ކުރެވިފައިވެއެވެ. ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުވައްސަސާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތުގެ ވެއްޓަކީ މަސްތުން ސާފު ވެއްޓަކަށް ހެދުމަށް އެހީތެރިވެދީ، މަސްތުގެ އަޅުދާސްތުވެފައިވާ ފަރާތްތައް އޮފީސް މާހައުލުން ދެނެގަނެ އަދި ސެޝަންގައި ފޯރުކޮށްދެވުނު މަޢުލޫމާތު، އާއިލާއާއި ގާތް ރަޙްމަތްތެރިންނަށާއި އަދި ހެޔޮ އެދޭ ފަރާތްތަކަށް ފޯރުކޮށްދީ، މަސްތުން ސަލާމަތްވެ ތިބުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި އެފަދަ ފަރާތެއް ހުރި ނަމަ، ފަރުވާގެ ފުރުޞަތުގެ ބޭނުން ހިފުމަށް އިރުޝާދު ދެވިފައިވެއެވެ.