SWITCH TO ENGLISH

އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރއެއް ޢިމާރާތްކުރަނީ

24 ނޮވެންބަރު, 2020

އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ޢިމާރާތްކުރުމުގެ މަސައްކަތް ޓެންޑަރ އުސޫލުގެ ތެރެއިން ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރެވިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް މާޒިން އިބްރާހީމް ރަފީޤެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރއެއް އައްޑޫ ސިޓީ ހުޅުދޫގައި ތަރައްޤީކުރެވެނީ، ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ތެރެއިން، ރާއްޖޭގެ ހަތް ސަރަޙައްދެއްގައި މި ޚިދުމަތް ފުޅާކުރުމުގެ ގޮތުންނެވެ.

އަލަށް ޢިމާރާތްކުރެވޭ މި ޑްރަގް ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރގައި އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. އެއީ ރެސިޓެންޝަލް ފަރުވާގައި 30 މީހަކާއި ކޮމިއުނިޓީ ފަރުވާގައި 30 މީހަކަށެވެ.

މި ސެންޓަރުގައި ޤާއިމުކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ޑޮކްޓަރ އެގްޒެމިނޭޝަން ރޫމް، ނަރސިންގ އެގްޒެމިނޭޝަން ރޫމާއި ނަރސިންގ ސްޓޭޝަން، ކައުންސެލަރުންގެ އިންޓަރވިއު ރޫމްސް، ޑައިނިންގ އޭރިއާ، ބަދިގެ، ކްލާސް ރޫމް، އެޑްމިނިސްޓްރޭޓިވް އޮފީސް، ކްލިނިކަލް އޮފީސް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރެވޭ ގޮތަށް ސެކިއުރިޓީ އޮފީސް، މަލްޓި ޕަރޕަސް ހޯލް، ކްލައިންޓުންގެ އެކޮމޮޑޭޝަން ބްލޮކްސް، ސްޓާފް އެކޮމޮޑޭޝަން ބްލޮކް، ލޯންޑްރީ އޭރިއާ، ސްޓާފް މެސްރޫމް، ކޮންފަރެންސް ރޫމް، މިސްކިތް، ފެމިލީ މީޓިންގ ރޫމް، ލައިބްރަރީ އަދި ޕާކިންގ ގަރާޖް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އެކްޓިންގ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޔުމްނާ މައުމޫނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު ރަޝީދުގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް ޢަބްދުލްޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.