SWITCH TO ENGLISH

އައްޑޫ ސިޓީ ހުޅުމީދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގެ ބިންގާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޅުއްވައި ދެއްވައިފި

13 ޑިސެންބަރު, 2020

އައްޑޫ ސިޓީ ހުޅުމީދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގެ ބިންގާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިޞަލް ނަސީމް އިއްޔެ އަޅުއްވައި ދެއްވައިފިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި އިއްޔެ މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު މަދުވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަލީ ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

އަލަށް ޢިމާރާތްކުރެވޭ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގައި އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. އެއީ ރެސިޓެންޝަލް ފަރުވާގައި 30 މީހަކާއި ކޮމިއުނިޓީ ފަރުވާގައި 30 މީހަކަށެވެ.

މި މަރުކަޒުގައި ޤާއިމުކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ޑޮކްޓަރ އެގްޒެމިނޭޝަން ރޫމް، ނަރސިންގ އެގްޒެމިނޭޝަން ރޫމާއި ނަރސިންގ ސްޓޭޝަން، ކައުންސެލަރުންގެ އިންޓަރވިއު ރޫމްސް، ޑައިނިންގ އޭރިއާ، ބަދިގެ، ކްލާސް ރޫމް، އެޑްމިނިސްޓްރޭޓިވް އޮފީސް، ކްލިނިކަލް އޮފީސް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރެވޭ ގޮތަށް ސެކިއުރިޓީ އޮފީސް، މަލްޓި ޕަރޕަސް ހޯލް، ކްލައިންޓުންގެ އެކޮމޮޑޭޝަން ބްލޮކްސް، ސްޓާފް އެކޮމޮޑޭޝަން ބްލޮކް، ލޯންޑްރީ އޭރިއާ، ސްޓާފް މެސްރޫމް، ކޮންފަރެންސް ރޫމް، މިސްކިތް، ފެމިލީ މީޓިންގ ރޫމް، ލައިބްރަރީ އަދި ޕާކިންގ ގަރާޖް ހިމެނެއެވެ.