SWITCH TO ENGLISH

ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީއިން ޖަލްސާއެއް ބާއްވައިފި

19 މެއި, 2017

2017 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު 9:00 ގައި ކަސްޓަމްސް ބިލްޑިންގ މީރުބަހުރު މާލަމުގައެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި، އެކަމުން ސަލާމަތްވެގެން މުޖުތަމަޢަށް ނުކުންނަ ފަރާތްތައް ބަލައިގަނެ، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ދިނުމަކީ، އެފަދަ ފަރާތްތަކަށް ސަލާމަތުން ތިބުމަށް ލިބޭނެ ފުރުޞަތެއްކަމުގައެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހުމަކީ ބުއްދި ތަޣައްޔަރުވެ، ވަށާލެވިގެންވާ އެހެން ކުށްތަކުގެ ޝިކާރައަކަށް މީހާ ބަދަލުކޮށްލާ ކަމެއްކަމުގައެވެ. އެހެންކަމުން ޤައުމީގޮތުންނާއި ދީނީ ގޮތުން މަސްތުގެ ވަބާއިން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.